ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނެއްގައި ރޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ހަތަރު ގެއަކުން 32 މީހަކު އިވެކުއޭޝަން ސެންޓަރަށް ވަގުތީ ގޮތުން ގެންގޮސްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެ ސެންޓަރު ގާއިމްކޮށްފައި ހުންނަނީ ސޯޝަލް ސެންޓަރުގައެވެ.
ރޭގައި އަލިފާން ރޯވެފައިވަނީ ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައެވެ. އެ ކުންފުނީގެ މުދަލުގެ 80 ވަރަކަށް ޕަސެންޓް ރައްކާކޮށްފައި ހުރީ އެ ގުދަނުގައެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އޮފިސަރަކު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ރޭ 10:00 ހާއިރު އެތަނަށް ގޮސްފައި ވަނީ ގުދަނުން ދުންއަރާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.
ނަމަވެސް އަލިފާން ނިއްވާލަން ފުރަތަމަ ވެހިކަލް ދިޔައިރު ވެސް މުޅި ގުދަނުގައި އޮތީ ރޯވެފައި ކަމަށް އޮފިސަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ދިޔައީ ގުދަނުން ދުން އަރާކަމުގެ މައުލޫމާތު ލިބިގެން. ފުރަތަމަ ވެހިކަލް އައިއިރު ވެސް މުޅި ގުދަނުގައި ހުރީ ރޯވެފައި. ހަމަ އެއާ އެއްކޮށް އިތުރު ވެހިކަލްތަކާ އެއްކޮށް އަޅުގަނޑުމެން ގޮސް އޮޕަރޭޝަން މި ކުރިއަށް ގެންދަނީ“ އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އޮފިސަރު ވިދާޅުވި ގޮތުގައި ގުދަން ކައިރީގައި ހުރި ހަތަރު ފަސް ގެއަކުން މީހުން ހުސްކުރަން ޖެހުނެވެ.
އެހީތެރިކަމަށް ބޭނުންވާ ބަޔަކު ތިބި ނަމަ ސޯޝަލް ސެންޓަރުގައި ހުރި އެންޑީއެމްއޭގެ މަރުކަޒަކަށް ދިއުމުން އެކަން ހަމަޖެހޭނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.



