ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި، އެ ކުދިން ތަހުގީގަށް ދީފައި ހުންނަ ވީޑިއޯ އިންޓަވިއުތަކަކީ ކޯޓުން ބޭރަށް ގެންގޮސްގެން ދިފާއީ ވަކީލުންނަށް އެކްސެސް ދެވޭނެ އެއްޗެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ކުޑަކުދިންގެ ވީޑިއޯ އިންޓަވިއުފަދަ އެއްޗެހި، ކޯޓުން ބޭރުގައި ދިރާސާ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި، ތަހުގީގަށް ކުޑަ ކުދިންތަކެއްގެ ފަރާތުން ނަގާފައިވާ އިންޓަވިއުތަކެއްގެ ރެކޯޑިން، ކޯޓުން ބޭރުގައި ދިރާސާ ކުރުމަށް ދޫކުރުމަށް ދަށު ކޯޓާއި ހައިކޯޓުން ނިންމާފައިވާ މައްސަލައެއްގެ އިސްތިއުނާފުގައެވެ.
ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، އެންމެ ފުރަތަމަ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ދައުލަތަށް އެ މައްސަލަ ކާމިޔާބު ނުވުމުންނެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ދީބާނާޒް ފަހުމީ މި މައްސަލައިގައި ދެއްވި ރައުޔަށް، މުހައްމަދު ޝަނީޒް އަބްދުﷲ އަދި އަބްދުލް މާނިއު ހުސެއިން ތާއީދުކޮށްފައިވެއެވެ.
ހައިކޯޓުން މި މައްސަލަ ދައުލަތަށް ކާމިޔާބު ނުވުމުން ދައުލަތުން ދެން މި މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ކުޑަކުދިންގެ މަސްލަތަކަށް ބަލައި އާއްމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދިޔަ މި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުންވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ކުޑަކުދިންގެ ވީޑިއޯ ކޯޓުން ބޭރަށް ނުގެންދެވޭނެ ކަމަށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅުއްވާފައެވެ.




