މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، ދުނިޔޭގެ އެންމެ ބާރުބޮޑު ތެޔޮ އުފުލާ މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި އީރާނުން މިވަގުތު ބަންދުކޮށްފައެވެ. ދުނިޔޭގައި ބޭނުންކުރާ ތެލާއި، ގޭސް (LNG) ގެ ގާތްގަނޑަކަށް %20 އާންމުކޮށް ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
އުތުރުން އީރާނާއި، ދެކުނުން އޮމާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އޮންނަ މި ކަނޑުއޮޅިއަކީ ގަލްފް ސަރަހައްދާއި އަރަބި ކަނޑު ގުޅުވައިދޭ މަގެކެވެ. މި ކަނޑުއޮޅީގެ ފުޅާމިނުގައި ހުންނަނީ ގާތްގަނޑަކަށް 50 ކިލޯމީޓަރެވެ. އަދި އެންމެ ހަނި ހިސާބުގައި ހުންނަނީ 33 ކިލޯމީޓަރެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި ތެޔޮ ޓޭންކަރުތަކަށް ދަތުރުކުރެވޭ ވަރަށް ފުން ކަނޑުއޮޅިއެކެވެ. އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން (EIA) ގެ ހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރު ދުވާލަކު 20 މިލިއަން ފީފާ ތެޔޮ މި މަގުން ދަތުރުކުރިއެވެ. މިއީ އަހަރަކު ގާތްގަނޑަކަށް 600 ބިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. މި ތެލަކީ ހަމައެކަނި އީރާނުގެ ތެލެއް ނޫނެވެ. އޭގެ ތެރޭގައި އިރާގު، ކުވެއިތު، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީގެ ތެޔޮވެސް ހިމެނެއެވެ.
ދުނިޔޭގެ LNG ގެ %20 ވެސް ދަތުރުކުރަނީ މިތަނުންނެވެ. މީގެ ބޮޑު ބައެއް ސަޕްލައި ކުރަނީ ގަތަރުންނެވެ. މީގެ އިތުރުން، ގަސްކާނާ އުފެއްދުމަށް ބޭނުންކުރާ ނެޗުރަލް ގޭސް ވެސް ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. އަދި މެދުއިރުމައްޗަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި، ޓެކްނޮލޮޖީގެ ސާމާނު އެތެރެކުރުމަށްވެސް މިއީ ވަރަށް މުހިންމު ކަނޑުއޮޅިއެކެވެ.

ކަނޑުއޮޅި ބަންދުވުމުގެ ނަތީޖާއަކީ ކޮބައި؟
އާންމުކޮށް މަހެއްގެ މައްޗަށް 3،000 އަށްވުރެ ގިނަ އުޅަނދު މި ކަނޑުއޮޅިން ދަތުރުކުރެއެވެ. ނަމަވެސް، މި ކަނޑުއޮޅިން ދަތުރު ކުރާ ބައެއް ޓޭންކަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދިނުމާ ގުޅިގެން މި އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އޭއެފްޕީ ނިއުސް އެޖެންސީން މާޗް 18 އާ ހަމައަށް އެއްކުރި ހިސާބުތަކުން ދައްކާގޮތުގައި، ހަނގުރާމަ ފެށުނު ފަހުން މަދުވެގެން 21 އުޅަނދަކަށް ވަނީ ހަމަލާ އަމާޒުވެފައެވެ.
މި ހަމަލާތަކުގެ ސަބަބުން އުޅަނދުފަހަރަށް އިންޝުއަރެންސް ލިބުން ދަތިވެ، ތެލުގެ އަގުތައް ވަނީ ބޮޑުތަނުން އުފުލިފައެވެ. ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ ގާތްގަނޑަކަށް 110 ޑޮލަރުގައެވެ. މިއީ މި އަހަރުގެ ފެށުމާ އަޅާބަލާއިރު 70% ގެ އިތުރުވުމެކެވެ.
ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން އޭޝިއާގެ ގައުމުތަކަށް ބޮޑު ލޮޅުމެއް އަރާނެއެވެ. ހާއްސަކޮށް ޗައިނާއަކީ އީރާނުގެ ތެލުގެ %90 ގަންނަ ގައުމެވެ. ތެލުގެ އަގު ބޮޑުވުމުން، ޗައިނާއިން އުފައްދާ މުދަލުގެ އަގުބޮޑުވެ، މުޅި ދުނިޔޭގެ ކަސްޓަމަރުންނަށް އޭގެ އަސަރު ކުރާނެއެވެ.

އީރާނުން ކަނޑުއޮޅި ކޮންޓްރޯލް ކުރަނީ ކިހިނެއް؟
އދ. ގެ ގަވާއިދުތައް ބުނާގޮތުން ގައުމެއްގެ އައްސޭރިން ފެށިގެން 12 ނޯޓިކަލް މޭލަކީ އެ ގައުމެއްގެ ސަރަހައްދީ ކަނޑެވެ. ހޯރްމޫޒް ކަނޑުއޮޅީގެ އެންމެ ހަނި ހިސާބު އޮންނަނީ މުޅިންހެން އީރާނާއި އޮމާންގެ ސަރަހައްދީ ކަނޑުގެ ތެރޭގައެވެ.
ބޯޓުފަހަރު އަދިވެސް ދަތުރުކުރޭތަ؟
ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން މި މަގުން ދަތުރުކުރީ އެންމެ 21 ޓޭންކަރެވެ. މީގެ ތެރޭގައި ގިނައީ ޗައިނާއާ ގުޅުންހުރި އުޅަނދުފަހަރެވެ. އިންޑިއާއިންވެސް ދަނީ އީރާނާއެކު ވާހަކަދައްކައިގެން އެ ގައުމުގެ ބޯޓުފަހަރު ދަތުރުކުރެވޭނެ މަގު ފަހިކުރަން މަސައްކަތް ކުރަމުންނެވެ.
ހޯރްމޫޒް ނޫން އެހެން މަގެއް އެބައޮތްތަ؟
މިފަދަ ނުރައްކާތަކާ ހުރެ ބައެއް ގައުމުތަކުން ވަނީ އެއްގަމު މަގުން ތެޔޮ އުފުލޭނެ ހޮޅިލައިންތައް ބިނާކޮށްފައެވެ. ސައުދީ އަރަބިއްޔާގައި 1,200 ކިލޯމީޓަރުގެ ”އީސްޓް-ވެސްޓް“ ޕައިޕްލައިނެއް އޮވެއެވެ.
ޔޫއޭއީންވެސް ވަނީ ފުޖައިރާ ބަނދަރާ ހަމައަށް ހޮޅިލައިން އަޅާފައެވެ. ނަމަވެސް، މި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރިޔަސް، ހޯރްމޫޒް ބަންދުވެއްޖެނަމަ ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރު ދުވާލަކު 8 އާއި 10 މިލިއަން ފީފާއާ ދެމެދުގެ މިންވަރަކަށް މަދުވާނެއެވެ.





