ބަލިމީހުންނަށް އެހީހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތަށް މިދުވަސްވަރު އިތުރުވެފައިވާ ކަމަށާއި، އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ސްކޭމްކުރާ ފަރާތްތަކުން ދަނީ އެކިކަހަލަ އުކުޅުތައް ބޭނުންކޮށްގެން ސްކޭމް ކުރަމުންނެވެ. އެގޮތުން، މިހާރު އާއްމުވެފައިވަނީ ބަލިމީހުންނަށް އެހީވުމުގެ ގޮތުން ހަދާފައިވާ ޕޭޖުތަކުން ހިނގާ ސްކޭމްތައްކަމާއި، އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކުރެއެވެ.
މިފަދަ ސްކޭމްތައް އިތުރުވެފައިވުމާއެކު، ބަލި މީހުންނަށް އެހީ ހޯދުމަށް ހަދާފައިވާ ޕޯސްޓުތަކުގެ ތެރެއިން ސްކޭމްތައް ދެނެގަންނާނެގޮތްތައް އެންޓި ސްކޭމް ސެންޓަރުން ދަނީ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.
ޕޯސްޓުގައިވާ މަޢޫލޫމާތު ހޯދުމަށް ގިނައިން ދީފައި ހުންނަނީ ބޭރުގައުމުތަކުގެ ނަންބަރުކަމަށް އެންޓި ސްކޭމް ސެންޓަރުން ވިދާޅުވިއެވެ. އަދި މި ނަންބަރު ތަކުން ސިދާ ގުޅައިގެން ވާހަކަ ނުދެއްކޭނެ ކަމަށާއި، ހަމައެކަނި ޖަވާބު ދެނީ ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށްކުރާ މެސެޖުތަކުން ކަމަށެވެ.
ހަމައެއާއެކު، ޕޯސްޓަކީ ޞައްޙަ އެއްޗެއްކަން ދެއްކުމަށްޓަކައި ރާއްޖޭގެ މަޝްހޫރު ނޫސްތަކުގެ ޚަބަރު ލިންކް ޖަހާކަމުގައި އެ އިދާރާއިން ވިދާޅުވިއެވެ. އަދި މި ލިންކުތައް ގިނަފަހަރަށް މަސައްކަތްނުކުރާކަމަށާއި، އެހެންނޫނީ އެއީ އެ ލިންކަށް ފިއްތާލާމީހާގެ ޒާތީ މައުލޫމާތު ފޭރުމަށް ހަދާފައިވާ ފިޝިން ލިންކެއް ކަމުގައި އެންޓި ސްކޭމް ސެންޓަރުން ވިދާޅުވިއެވެ.
ޕޯސްޓުތަކުގައި ހިމަނާފައި ހުންނަ ބައެއް ފޮޓޯތަކަކީ ރާއްޖެއިން ބޭރުގެ ވެބްސައިޓުތަކުން ނުވަތަ އެހެން މީހެއްގެ ޕްރޮފައިލުން ނަގާފައިވާ ފޮޓޯތަކެއްކަމުގައި އެންޓި ސްކޭމް ސެންޓަރުން ވިދާޅުވިއެވެ. އަދި މީގެ ސައްހަކަން ގޫގުލް ރިވާސް އިމޭޖް ސާޗްގެ އެހީގައި ބަލާލެވޭނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ޕޯސްޓުކުރާ މީހާގެ ޕްރޮފައިލްއަކީ ވަރަށްފަހުން ހަދާފައިވާ، މަދު މައުލޫމާތެއް ހުރި އެކައުންޓަކަށްވާ ނަމަ، އަދި އާއިލާ މީހަކު ނުވަތަ ރަސްމީ ޖަމިއްޔާއަކުން ނޫން ފަރާތަކުން ކުރާ ޕޯސްޓުތަކަކީވެސް ސަމާލުވާންޖެހޭ އެކައުންޓުތައްކަމަށް އެއިދާރާއިން ވިދާޅުވިއެވެ.




