މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ނިޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ވިލަރެސްކޮށް ކުރިއަށް ގެންދާ ”ޢީދު ހަވީރު 1447“ ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ވަނީ ބައިވެރިވެފައެވެ.
އެގޮތުން 20 މާރިޗު 2026 ވާ ހުކުރު ދުވަހުން (ފިޠުރު ޢީދު ދުވަހުން) ފެށިގެން 03 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ”ޢީދު ހަވީރު 1447“ ފެސްޓިވަލްގައި އެމްއޭސީއެލްއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އިންތިޒާމްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްއޭސީއެލްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެގޮތުން އެމް.އޭސީ.އެލްގެ ސްޓޯލް ޤާއިމްކޮށްފައި ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގައި ކަަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދާނީ ފިޠުރު ޢީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން 6.00 އަށެވެ. މިއީ މިފަދަ ޚާއްސަ މުނާސަބަތުތަކުގައި ރައްޔިތުންނަށް އުފާވެރި އަދި ޢާއިލާތަކަށް މާނަހުރި ވަގުތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި އެމް.އޭ.ސީ.އެލްއިން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިއީ ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ”ޒޫޓޯޕިއާ“ ތީމްގެ ކުޅިވަރު ސަރަހައްދެކެވެ. މި ސަރަހައްދުގައި ޒޫޓޯޕިއާގެ ކެރެކްޓަރ މެސްކޮޓްތައް ސްޓޯލް ކުރިއަށްދާ ވަގުތު ހަރަކާތްތެރިވަމުން ދާނެއެވެ.
މި ސްޓޯލްގެ އެންމެ ޚާއްސަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރުކޮށްފައިވާ ”ޓްރީހައުސް“ (ގަސްމަތީ ގެ) އެވެ. މީގެ އިތުރުން، ”އެކްސް ތްރޯއިންގ“ (ކޮޅުފިލި އުކުން)، ”ރެކިންގ ބޯލް“، އަދި ”ޝޫޓް ޔޯ ޝޮޓް“ ފަދަ ހުރިހާ އުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.



