ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވާން ބޭނުން ފަރާތްތަކަށް އެފުުރުސަތު ހުޅުވާލަން މޯލްޑިވްސް ޒަކާތު ހައުސްއިން ނިންމައިފި އެވެ.
ޒަކާތު ހައުސްއިން ބުނީ، އަންނަ އާދީއްތަ ދުވަހު މާލެ ސަރަހައްދުން، އެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލާނެކަމަށެވެ. އަދި ދަފްތަރުގައި ހިމެނެން ބޭނުންވާ މީހުންނަށް އާދީއްތަދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ9:30 އިން 12:00 ޖަހަންދެން ނަން ނޯޓްކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. ނަން ނޯޓްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކަނޑައަޅާފައިވާ ފޯމު ޒަކާތު ހައުސްގެ ކައުންޓަރުންނާއި، ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ.
ޒަކާތު ހައުސްއިން ބުނީ މި އަހަރު ފިޠުރު ޒަކާތް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ހާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައި ނުވާ ފަރާތްތަކުން ފޯމު ހުށަހަޅަން ނުޖެހޭނެކަމަށެވެ. އެމީހުންނަކީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ގޮތުގައި ބަލާނެކަމަށް ޒަކާތު ހައުސްއިން ބުނެފައި ވެއެވެ.




