ޗާގޯސްގައި އެމެރިކާއާއި އިނގިރޭސިވިލާތުން ހިންގަމުންދާ އަސްކަރީ މަރުކަޒު، ޑިއޭގޯ ގާސިއާ ބޭސްއަށް އަމާޒުކޮށް އީރާނުން މިސައިލް ހަަމަލާއެއް ފޮނުވާލައިފިއެެވެ.
މި ހަމަލާއާ ގުޅޭގޮތުން ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ އީރާނުން އިންޑިއާ ކަނޑުގައި ހިންގަމުންދާ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް މެދުރާސްތާގެ ދެ ބެލެސްޓިކް މިސައިލު ފޮނުވާލާފައިވާ ކަަމަށެވެ.
ނަމަވެސް މި ދެ މިސައިލުވެސް ބޭސްއާ ހަމައަށް ފޯރާފައި ނުވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އެގޮތުން އޭގެ ތެރެއިން އެއް މިސައިލް ފެއިލްވި އިރު، އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކުން ދެވަނަ މިސައިލް ހުއްޓުވަން މަސައްކަތް ކުރީ އެސްއެމް-3 މިސައިލް ބޭނުންކޮށްގެން ކަަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ އެ ނޫހުން އެ މިސައިލް ވައްޓާލެވުނުކަމެއް ނުވަތަ ނޫންކަން ސާފު ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.
މި ހަމަލާއާ ގުޅިގެން އީރާނާއި އެމެރިކާ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ޑިއޭގޯ ގާސިއާގައި އެމެރިކާގެ 4000 އަަށް ވުރެ ގިނަ ސިފައިން އަދި އިނގިރޭސި 40 ސިފައިން ހަރަކާތްތެރިވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 1،300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.




