ދިވެހި ރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދީ ފަންޑް ފޮރ ޑެވެލޮޕްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު(ސީއީއޯ) ސުލްޠާން ބިން އަބްދުލް ރަހްމާން އަލް-މަރްޝާދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މިއަދު މެންދުރު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ސައުދީ ޑެވެލޮޕްމެންޓް ފަންޑުން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް މެދުކެނޑުމެއްނެތި ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަނގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށާއި، އަރިހުގައި ވަޑައިގެންނެވި ވަފްދަށް ދެއްވި ފުރިހަމަ މެހެމާންދާރީ ފާހަނގަކުރައްވައި އެކަމަށްވެސް ޝުކުރު އަދާކުރެއްވި އެވެ.
މި ބައްދަލުުވުމުގައި މައިގަނޑުގޮތެއްގައި ދެބޭފުޅުން މަޝްވަރާކުރައްވާފައިވަނީ ރާއްޖެއާއި ސައުދީއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، އަދި ސައުދީ ޑެވެލޮޕްމެންޓްުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މަޝްރޫއުތައް ފުޅާކުރުމާއި ގުޅޭގޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ.
މިއަދުގެ ބައްދަލުވުމުގައި، ސައުދީ ޑެވެލޮޕްމެންޓްގެ ސީއީއޯ ވަނީ، ރާއްޖެއިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިކަން ފާހަަނގަކުރައްވައި ރައީސަށް ޝުކުރު ދަންނަވާފަ އެވެ. އަދި ސައުދީ ފަންޑުން އަބަދުވެސް ރާއްޖެއަށް އެހީތެރިވެދޭނެކަމުގެ ޔަގީންކަން ދެއްވައި، ކުރިޔަށް އޮތްތާގައިވެސް ދޭދޭ ގުޅުން ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.
މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ހިމެނޭޙެން ބައެއް ވަޒީރުން ބައިވެރިވަޑައިގެންފައި ވެއެވެ.



