އުމުރުން 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމަކީ ހުނަރުވެރި ޓީމެއް ކަމަށާއި އެ ޓީމު ވާނީ، މުސްތަގުބަލުގައި ރާއްޖޭގައި ފެންނާނެ އެންމެ ވަރުގަދަ ސީނިއާ ގައުމީ ޓީމަށްކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.
ކުޅިވަރާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ރާއްޖޭގެ ޒުވާން ޓީމަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ނިސްބަތްވާ ޓީމެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެގޮތުން އެކުދިންގެ ތެރެއިން ގިނަ ކުދިންނަކީ މިހާރުވެސް ފަސްޓް ޑިވިޝަނުގައި ކުޅެމުން އަންނަ ކުދިންނަށްވާއިރު، ކުލަބުތަކުން ޒުވާން ކުޅުންތެރިންނަށް ދޭ ފުރުސަތުތަކުގެ ސަބަބުން ވަރުގަދަ ހުނަރުވެރި ކުޅުންތެރިންތަކެއް ގައުމުގައި އުފެދޭކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ. އަދި މިއީ އުންމީދީ މަންޒަރެއްކަމަށް ވެސް ޒަރީރު ސިފަކުރެއްވިއެވެ.
”އަޅުގަނޑުމެންގެ ފުޓުބޯޅައަށް ވަރަށް އުންމީދީ ކަންތައްތަކެއް ވަމުން އެބަދޭ. އެއްވެސް ޤައުމެއްގައި ނުވަތަ ތަނެއްގައި ޒުވާން ޓީމެއް ބިލްޑްވެގެން އަންނަންޏާ އެއީ ވަރަށް އުންމީދީ ކަމެއް“ ޒަރީރު ވިދާޅުވިއެވެ.
މީގެއިތުރުން ޒަރީރު ވިދާޅުވީ ޒުވާން ޓީމުގެ ގިނަ ކުޅުންތެރިން މިހާރުވެސް ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ އިސް ސަފުގައި ވާދަކުރުމަކީ މުސްތަގުބަލަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. ޅަ އުމުރުގައި ލިބޭ ފުރުސަތުތަކުގެ ސަބަބުން އެކުދިން ވާނީ މޮޅެތި ކުޅުންތެރިންނަށްކަމަށާއި، މިވަގުތު ރާއްޖޭގައި އޮތް 20 އަހަރުންދަށުގެ ޓީމަކީ މުސްތަގުބަލުގައި ފެންނާނެ ރާއްޖޭގެ އެންމެ ވަރުގަދަ ސީނިއާ ގައުމީ ޓީމަށްވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.



