ކޮންޓްރެކްޓަރުންނާއި ޑިވެލޮޕަރުންނާއެކު ސަރުކާރުން މަސައްކަތްކުރަން ތައްޔާރުކަމަށާއި، ދެވެން އޮތް އެހީތެރިކަމެއް ސަރުކާރުން ދޭނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ރޭގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ ”ބީއެމްއެލް އެފޯޑަބަލް ހައުސިން“ މަޝްރޫއުގެ ތެރެއިން 1،224 ޔުނިޓުގެ މަސައްކަތް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފަށައިފައެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ ނިކަމެތި، ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ޚާއްސަ އިސްކަމެއްދޭ ގޮތަށް ކަމަށެވެ.
އެގޮތުން، ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއަކީ ތަފާތު ވިސްނުމަކުން އައި ހައްލެއްގެ ތެރެއިން އުފަންވި މަޝްރޫއެއްގެ ގޮތުގައި ހައުސިންގް މިނިސްޓަރ ސިފަކުރެއްވިއެވެ.
”އަޅުގަނޑު ބޭންކުތަކަށާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގެ ކިބައިން މި އެދެނީ މިކަމުގައި ސަރުކާރާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް، އަދި ކޮންޓްރެކްޓަރުންނަށާއި ޑިވެލޮޕަރުންނަށް ދަންނަވާލަން އޮތީ ސަރުކާރުން މިއޮތީ ތިބޭފުޅުންނާއެކު މަސައްކަތްކުރަން ތައްޔާރަށޭ، ސަރުކާރުން ދެވެން އޮތް އެހީތެރިކަމާއި ލުއިތަކެއްދީގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ތައްޔާރަށޭ“ މިނިސްޓަރ މުއްޠަލިބު ވިދާޅުވިއެވެ.
މީގެއިތުރުން ހައުސިންގް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ.




