ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ 1224 ޔުނިޓުގެ މަސައްކަތް ފަށައިފިއެވެ.
މި މިކަމަށްޓަކައި ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތް ކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން، ބިންގާ އަޅާފައިވަނީ، ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) ގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތުގެ ބިންގާއެވެ.
މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒާއި، އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއަޕާރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ކޮންސްޓްރަކްޝަން ކުންފުނީގެ ޗެއަރމަން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ، އައިއެންއޭއެޗުގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ޙާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާރޓްމަންޓުތަކެކެވެ.
މި މަޝްރޫޢުގައި ދޫކުރާ ޔުނިޓުތަކަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.



