އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލަތަކާ އެކު، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، ކުރިން ތާވަލު ކޮށްފައިވާ ގޮތަށް މިދިޔަ ހަފުތާގައި ވެސް ތެލުގެ ދެ ޝިޕްމަންޓު އެސްޓީއޯ އިން ރާއްޖެ ގެނައި ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު ރޭގައި ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް އެސްޓީއޯ އިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި އަދި ދުރާލާ ސަޕްލަޔަރުންނާއެކު އެ ކުންފުނިން އެއްބަސްވެފައިވާ ”ނޮމިނޭޝަން“ އެރޭންޖްމެންޓުގެ ދަށުން ކަމަށެވެ.
އެ ތާވަލާ އެއްގޮތަށް މިދިޔަ ހަފުތާގައި ވެސް ތެލުގެ އައު ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެެ.
”ހަމަ އެފަދައިން އެސްޓީއޯ އިން ސަޕްލަޔަރުންނާ އެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީހުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައް ވެސް ވަނީ ރާއްޖެ އަށް ގެނައުމަށް ޝެޑިއުލް ކުރެވިފަ“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އެސްޓީއޯ އިން ވެސް މިދިޔަ ހަފުތާގައި ބުނެފައި ވަނީ ރާއްޖެ އަށް ބޭނުންވާ ތެޔޮ ގެނައުމުގައި، ތެޔޮ އެތެރެ ކުރާ އެހެން ފަރާތްތަކާ އެކު، ތެލުގެ ސަޕްލައި މެނޭޖު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ވަގުތަށް އެކަމުގައި އުނދަގުލެއް ނެތް ކަމަށެވެ.
މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވިދާޅުވީ، ދެ ހަފުތާ އަށް ބޭނުންވާ ތެޔޮ މި ވަގުތު ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އިތުރު ތެލުގެ ޝިޕްމަންޓު މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެ އަށް ގެންނާނެ ކަމަށް ޝިމާދު ވިދާޅުވެފައި ވެ އެވެ.
އެސްޓީއޯ އިން އޭރު ވެސް ލަފާކޮށްފައި އޮތީ ތެލުގެ އާ ޝިޕްމަންޓެއް މިދިޔަ ހުކުރު ދުވަހާއި މާދަމާ ރާއްޖެ އަންނާނެ ކަމަށެވެ.
އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލިޓަރެއް ވިއްކަނީ 16.01ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 17.54ރ. އެވެ.



