ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތެލުގެ ދެ ޝިޕްމަންޓެއް ރާއްޖެ ގެނެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ސަޕްލައިއަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި މި ދަތިތަކުން އަރައިގަންނަން އެކުލަވާލާފައިވާ ކެބިނެޓް ކޮމިޓީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ޒަމީރު ވިދާޅުވީ އެސްޓީއޯއިން އޯޑަރުކުރި ތެލުގެ ދެ ޝިޕްމަންޓެއް އަންނަ ހަފުތާ ގެނެވޭނެ ކަމަށެވެ.
އޭގެ ތެރެއިން އެއް ޝިޕްމަންޓް އަންނާނީ 2 ނުވަތަ 3 އޭޕްރިލްގައި ކަމަށާއި އަނެއް ޝިޕްމަންޓް އަންނަނީ 4 ނުުވަތަ 5 އޭޕްރީލްގައި އޮމާނުން ކަމަށް ވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ތެޔޮ ގަވާއިދުން ލިބުމުގައި ދަތިތަކެއް ނެތް ކަމަށާއި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖޭގައި އާންމުންނަށް ދަތިނުވާނެ ވަރަށް އަގު އުފުލަނުދީ ހިފެހެއްޓުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
”މިހާރު 160 ޑޮލަރާ ގާތަށް ދުނިޔޭގެ ބާޒާރުގައި އަގު އުފުލިގެން ދިޔަ ނަމަވެސް ތެލުގެ އަގު ސަބްސިޑައިޒްކޮށްގެން އެކަށީގެންވާ އަގެއްގައި ފޯރުކޮށްދިނުމަށް މި ދަނީ މަސައްކަތްކުރަމުން،“ މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.




