ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރަން ސްޕިއާފިޝިންއަށް ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ސްޕޯޓްސް ފިޝިންގެ ތެރޭގައި ހިމެނޭ ސްޕިއާ ފިޝިން އޮތީ ފާއިތުވި 40 ވަރަކަށް އަހަރު ރާއްޖޭގައި މަނާކޮށްފައި ކަމަށެވެ.
އެހެން ނަމަވެސް ލަސްތަކެއް ނުވެ ސްޕިއާ ފިޝިންއަށް ހުއްދަ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ހުއްދަ ދޭނީ ސީދާ ކޮން އިރަކުން ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
”އެހެންވީމާ އެކަމަށް (ސްޕިއާ ފިޝިން)އަށް އަންނަ ފަރާތްތައް (ފަތުރުވެރިން)ވެސް އިތުރުވެގެން ދާނެ. އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން“ މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.
”އެ އަންނަ ފަރާތްތަކަށް ބައެއް ފަހަރަށް ވަރަށް އުނދަގޫތަކުގައި އަސްލު އުޅެން ޖެހެނީ. މި ޓުއަރިސްޓުން ގެނައުމާއި އަދި އެ ބޭފުޅުންގެ އޮޕަރޭޝަންސް. މި ކަންތައް ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސްޓްރީމް ލައިންކޮށްގެން ތަންކޮޅެއް ފަސޭހައިން މި މަސައްކަތުގައި އުޅުއްވާ ފަރާތްތަކަށް ރާއްޖޭގައި ޓްރެވަލްކޮށް ރާއްޖޭގައި ލިވަބޯޑް އޮޕަރޭޓްކުރުމުގައި ކަންތައްތައް އިރާދަކުރެއްވިއްޔާމު ފެެއްޓިގެން ދާނެ“ މިނިސްޓަރު ވިދާޅުވިއެވެ.



