ކެންޔާގައި ހަލުވިކަމާއެކު ކޮލެރާ ބަލި ފެތުރެން ފަށައިިފި އެވެ.
ކެންޔާގެ ދާޚިލީ ވުޒާރާއާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ޚަބަރު ފަތުރާގޮތުގައި، މިހާރު 107 މީހުންނަށް ވަނީ ކޮލެރާ ފެތުރިފައެވެ. އަދި ކޮލެރާ ފެތުރުން ހުއްޓުވުމަށާއި، ކޮލެރާ ޖެހިފައިވާ މީހުންނަށް ފަރުވާދިނުން އަވަސްކުރުމަށް އެގައުމުގެ ސިއްހީ ވުޒާރާ އާއި ރެޑް ކްރެސެންޓުން ދަނީ ފިޔަވަޅު އަޅަމުންނެވެ. ހަލުވިކަމާއެކު ކޮލެރާ ފެތުރެމުންދާއިރު، ކޮންޓްރޯލް ނުކުރެވޭވަރަށް އެބަލި ފެތުރުދާނެކަމުގެ ބިރު މިހާރުވަނީ ހީވެފަ އެވެ.
ކޮލެރާ ހަލުވިކަމާއެކު ފެތުރުމަށް މަގުފަހިވެފައިވަނީ އެގައުމަށް މާޗް މަހުން ފެށިގެން ބޯކޮށް ވާރޭވެހި ގިނަ ބަޔަކު ހާލުގައި ދިރިއުޅެމުންދާވަގުތެއްގަ އެވެ. ފެނުގެ ޒަރީއާއިން ޖެހޭ މި ބަލި ފެތުރމުގެ މައިގަނޑު ސަބަބަކީ އެފަދަ މީހުން މިހާރު ދިރިއުޅެން ޖެހިފައިވާ ހާލަތުން ސާފުބޯފެން ހޯދުމަށް ނުކުޅެދިފައިވާތީ އެވެ.
ވިއްސާރައިގައި ހާލުގައި ޖެހި 167 ކޭމްޕެއްގައި މިހާރު މީހުން ދިިރިއުޅެމުންދާއިރު، އެކޭމްޕްތައް އެސެސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ކެންޔާއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިމަތިވި ތަފާތި އެކި ހާދިސާތަކުގައި 291 މީހުން މަރުވެ 75 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އެގައުމުގެ އަސްކަރިއްޔާއިން ދަނީ ކުރަމުންނެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިތިބި މީހުން ރައްކާތެރި ސަރަަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ވިއްސާރައިގައި ކުރިމަތިވި ތަފާތު އެކި ހާދިސާތަކުގެ ސީދާ އަސަރު 412,783 މީހުންނަށްކޮށްފައިވާއިރު، މީގެތެރެއިން 188 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. އަނިޔާވި މީހުންނަށް ފަރުވާދެމުންދާއިރު، ވިއްސާރައިގެ އަސަރުކުރި މީހުންނަށް ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ގުޅިގެން ކާނާއާއި ބޯފެން ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތައްވެސް ދަނީ ހިންގަމުންނެވެ.



