ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ދަށުން ގޯއްޗާއި ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ކުރީގެ ބިންކޮޅު ދޫކޮށްލަން ޖެހޭ އުސޫލު ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓް ނުވަތަ ގޯތި ލިބޭ ފަރާތްތަކުގެ އަމިއްލަ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި، އާއިލާގެ މެންބަރަކަށް ދެވޭގޮތަށް އުސޫލު ބަދަލުކުރައްވަން ނިންމަވާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ، ކުރިން އަމަލުކުރަމުން އައި ގޮތުން އެފަދަ ބިންކޮޅުތައް ދޫކޮށްލަން ޖެހެނީ ސަރުކާރަށް ކަމަށާއި، ނަމަވެސް އަލަށް އެކުލަވާލާ އުސޫލުގެ ދަށުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން، ނުވަތަ އެއްބަނޑު އެއްބަފާ މީހަކަށް އެ ބިން ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، އެންމެ ފަހުން ދޫކުރި ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން، މިހާރުވެސް އެމީހުންގެ ބިން ދައުލަތަށް ދޫކޮށްލާފައިވާ ފަރާތްތަކަށްވެސް މި އާ އުސޫލުގެ ދަށުން އެ ބިން އަލުން އާއިލާ މީހެއްގެ ނަމަށް ބަދަލުކުރުމުގެ ފުރުސަތުވެސް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ބިމެއް ދައުލަތަށް ދޫކޮށްލަން ޝަރުތުކުރާނީ ހަމައެކަނި އެމީހެއްގެ ނަމުގައި ސޯޝަލް ހައުސިންގް ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓެއް އޮންނަ ހާލަތްތަކުގައެވެ. މިކަމާ ގުޅޭ ތަފްސީލީ އުސޫލުތައް ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



