މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ، ތ. މަޑިފުށީ މީހެއްގެ މައްޗަށް 27 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
ތ. މަޑިފުށީ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދިންގޮތުގައި، ޖަލަށްލުމަށް މަޑިފުށީ ކޯޓުން ހުކުމް ކޮށްފައިވަނީ، އެރަށު ދޮންވެލި، ހުސައިން ޝަރޫންގެ މައްޗަށެވެ.
ފުލުހުން ބުނީ، 2024 ފެބްރުވަރީ 05 ވަނަ ދުވަހުގެ ވަގުތެއްގައި ތ.މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށްބުނެ ފުލުހަށް، ލިބުނު މަޢުލޫމާތަކާއި ގުޅިގެން ތ.މަޑިފުށި ބަނދަރުމަތިން ޙުސައިން ޝަރޫން ހުއްޓުވައި ބަލާފާސްކޮށް އޭނާ އަތުން 2 ރަބަރު ޕެކެޓު ޑައިމޯފިން( ޖުމްލަ ބަރުދަނުގައި 9.4230 ގްރާމް )އަތުލައިގަތެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދެދައުވާއެއް ދައުލަތުން އުފުލާފައި ވެއެވެ. އެގޮތުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ އާއި، ކެނެބިސް ބޭނުން ކުރުމުގެ ދަޢުވާ އުފުލި އެވެ. ޙުސައިން ޝަރޫންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ ސާބިތުކޮށް، 24 އަހާރާއި 11 މަހާއި 20 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވެއެވެ. އަދި ކެނެބިސް ބޭނުން ކުރުމުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި 3 އަހަރަށް ޖަލަށްލުމަށްވެސް މަޑިފުށީ ކޯޓުން ހުކުމް ކޮށްފައި ވެއެވެ.
މި 2 ދައުވާގައި، އޭނާގެ މައްޗަށް ކޯޓުން ހުކުމް ކުރި، ޖަލުގެ ބަންދުގެ މުއްދަތުގެ ޖުމްލަ 27 އަހަރާއި 11 މަހާއި 20 ދުވަހަށް އަރައެވެ.



