މެދުއިރުމަތީގެ މިވަގުތު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ މަސައްކަތްތައް ކުރިއަށްދަނީ ތަފާތު މޮޑެލްތަކުގެ ދަށުން ކަމަށާއި، ބޭރުގެ ހިލޭ އެހީ އާއި ލޯނު އެހީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން ހިނގާ އެއްވެސް މަޝްރޫޢެއް ހުއްޓުމަކަށް ނާންނާނެ ކަމަށެވެ.
އަދި ހާއްސަކޮށް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަންކަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަން ފާހަގަކުރައްވައި، ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ރިޔާސީ އިންތިހާބުގެ ވައުދުތަކާ އެއްގޮތަށް ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުންތަކުގައި މިހާރު ވަނީ ސޮއިކުރެވިފައެވެ. މިގޮތުން ބަލާއިރު، މިހާރު ބާކީ އޮތީ ގާތްގަނޑަކަށް %35 އާއި %40 އާ ދެމެދުގެ މަޝްރޫއުައް ކަމަށާއި، އަލަށް ފަށާ މަސައްކަތްތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމާއި ސިއްޙީ ދާއިރާގެ މަޝްރޫއުތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ ހަފުތާއަކު އެއްފަހަރު މަޝްރޫޢުތަކުގެ ދުވެލި މުރާޖައުކުރަމުންދާކަން ފާހަގަކުރައްވައި، ބޭރުގެ ހާލަތަށް ރިއާޔަތްކޮށް މިހާތަނަށް އެއްވެސް މަޝްރޫއެއް ހުއްޓާލާފައި ނުވާނެކަމަށް ރައީސް ޔަޤީންކޮށްދެއްވިއެވެ. މަސައްކަތްތައް ހުއްޓިއްޖެނަމަ މުޅި ޤައުމުގެ އިޤްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެތީ، ހުރިހާ ކަމެއްވެސް ތަރުތީބުކުރައްވަމުން ގެންދަވާނީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބައްލަވައިގެން ކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.




