ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަ ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމުގެ ގޮތުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގދ. ތިނަދޫއަށް މިއަދު ވަޑައިގަތުމުން އެރަށުން އެކަމަނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި ކެމްޕޭން ދަތުރުފުޅުގައި މެޑަމް ސާޖިދާއާއިއެކު ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިސްފަރާތްތައްވެސް ބައިވެރިވަޑައިގެންނެވި އެވެ.

މެޑަމް ސާޖިދާގެ މި ދަތުރުފުޅުގައި އެކަމަނާ ވަނީ ޕީއެންސީގެ ޓިކެޓުގައި ތިނަދޫ ސިޓީ ކައުންސިލަށް ވާދަ ކުރާ ކެންޑިޑޭޓުންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެރަށުގައި ދިރިއުޅޭ ޕީއެންސީގެ އާންމު މެމްބަރުންނާއި ބައްދަލުކުރައްވާ، ރަށުގެ ކަންކަމާއި ގުޅޭ ގޮތުން މެޑަމް ސާޖިދާ ވަނީ އެފަރާތްތަކާ މަޝްވަރާކުރައްވާފައެވެ.

އަދި މިއަދު ތިނަދޫގައި ކުރިޔަށް ދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ވެސް މެޑަމް ސާޖިދާ ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނާއި އެކު ބައިވެރިވަޑައިގެންފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫގެ ކެމްޕޭން ދަތުރަށްފަހު މާދާމާގެ ވަގުތެއްގައި ފަސްޓްލޭޑީ ސާޖިދާ އައްޑޫ ސިޓީއަށްވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



