ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ޕްރޮޖެކްޓައް 100 މިލިއަން ޑޮލަރު، އަދި ރާއްޖޭގެ ސިއްޚީ ދާއިރާ ތަރައްޤީ ކުރުމަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ސައުދީ ފަންޑް ފޯ ޑެވެލޮޕްމެންޓް (އެސްޑީއެފް) އިން މިއަދު ދީފިއެވެ.
ޖުމްލަ 150 މިލިއަން ޑޮލަރުގެ މި ލޯނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ. ސައުދީ ފަންޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހުމާން އަލް މަރުޝަދުއެވެ.
ލޯނު އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫއު ތަކަށް ސައޫދީ ފަންޑުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އަދި ރާއްޖެއާއި ސައުދީ ގެ ގުޅުން ބިނާވެފައިވަނީ އިހުތިރާމާއި އިތުރާބަރާއި އުހުއްވަތްތެރިކަމުގެ މައްޗައް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އެއާޕޯޓުގެ ތަރްޤީއަށް ސައުދީ ފަންޑުން ވަނީ ކުރިންވެސް 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. މިއަދު ދީފައިވާ 100 މިލިއަން ޑޮލަރާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްޤީއަށް ސައުދީ ފަންޑުން ދިން ލޯނުގެ ޖުމްލަ އަދަދު 200 މިލިއަން ޑޮލަރަށް އަރާނެއެވެ.
ސައުދީ ފަންޑުން ރާއްޖޭގައި ހިންގާ ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫއު ތަކަށް އަބަދުވެސް ހަރަދުކުރެއެވެ. މިގޮތުން ރަށްރަށުގެ ފެނާއި ނަރުދަމާ، އައިސް ޕްލާންޓު އަދި ހައުސިން ޔުނިޓުތަށް އެޅުމަށް ސައުދީ ފަންޑުން ވަނީ ފައިސާގެ އެހީ ދީފައެވެ.
ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހުމާން މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ބައްދަލުކުރައްވާފައި ވެއެވެ.



