އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ އިންޒާރުތައް މަޑުޖައްސާލައި، މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާކުރަން ފަށައިފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް ކުރެވެމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަކުރައްވައި، އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ދިނުމަށް ރާވާފައިވާ އަސްކަރީ ހަމަލާތައް ފަސް ދުވަހަށް ފަސްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއަދު ނިންމަވާފައެވެ.
އެގޮތުން ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ވޭތުވެދިޔަ ދެ ދުވަހު ވޮޝިންޓަނާއި ތެހެރާނާ ދެމެދު ”ވަރަށް ރަނގަޅު އަދި ނަތީޖާ ނެރެވޭ ފަދަ“ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. މި މަޝްވަރާތައް ބިނާވެފައިވަނީ ”މެދުއިރުމަތީގައި އުފެދިފައިވާ ދެކޮޅުވެރިކަމަށް ފުރިހަމަ އަދި ދާއިމީ ހައްލެއް“ ހޯދުމުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މަޝްވަރާތަކުގެ ނަތީޖާ ފެންނަންދެން ހަމަލާތައް މަޑުޖައްސާލުމަށް ޑިފެންސް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. މި ނިންމެވުން އައިސްފައިވަނީ ޓްރަމްޕް ކުރިން ކަނޑައެޅުއްވި ސުންގަޑި ހަމަވާން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށެވެ.


