މިހިނގާ މާރިޗް މަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 108،681 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހުގެ މި މުއްދަތާ އަޅާ ބަލާއިރު %17.9 ދަށް އަދަދެކެވެ.
މިމަހުގެ އަދަދުތައް ދަށްވެފައިވާވީ ނަމަވެސް، އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިން އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 590،449 ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 561،300 ފަތުރުވެރިންނާ އަޅާ ބަލާއިރު %4.5 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.
ފަތުުރުވެރިން އެންމެ ގިނައިން އަންނަ 3 ޤައުމު:
° ޗައިނާ: 89،443 ފަތުރުވެރިން
° ރަޝިއާ: 71،056 ފަތުރުވެރިން
° އިނގިރޭސިވިލާތް: 55،692 ފަތުރުވެރިން




