ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި މި މަހުގެ 18 ވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން އެގެއަށް މީހަކު ވަން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެ ގެއަކީ މީހުން ދިިރިނޫޅޭ، ކަރަންޓު ވެސް ނުހުންނަ ގެއެކެވެ.
އެގޭގެ ސީސީޓީވީ ފުޓޭޖު ލިބިފައިވާ އޮންލައިން މީޑިއާއަކުން ބުނެފައިވަނީ، އެގެއަށް މީހަކު ވަންނަތަން އެ ފުޓޭޖުން ފެންނަ ކަމަށެވެ. އަދި ހިޔާރޯދި ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނޫންކަން އަވަށްޓެރި ބައެއް ގެތަކުގެ މީހުންގެ ވާހަކަތަކުން އެނގިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން އެގޭގައި ހުރި ބައެއް ތަކެތި ނެރުމުގައި ބިދޭސީންތަކެއް އެދުވަހު ހެނދުނު 9 ޖަހާކަންހާއިރު އުޅުނު ކަމަށްވެސް ބުނެފައިވެއެވެ. އަދި ބާވެފައިހުރި ބައެއް ތަކެތި މަގުމައްޗަށް ނެރެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އަލިފާން ރޯވުމުގެ 7 މިނިޓެއްހާއިރު ކުރިން ވޭވް ސައިކަލެއްގައި ފިރިހެނަކު އައިސް އެ ސައިކަލު ޕާކުކޮށް، އެ ގެއަށް ވަދެ އެވެ. އޭރު ބިދޭސީ ބައެއް މަސައްކަތްތެރެއިން ތިބީ ދެވަނަ ފަންގިފިލާގަ އެވެ. ގެއަށް ވަން މީހާ ގާތްގަނޑަކަށް 7 މިނެޓު އެ ގޭގައި ހޭދަ ކުރެ އެވެ. ބެލެވޭ ގޮތުގައި އޭނާ އެރީ ފުރަތަމަ ފަންގިފިލާއަށް ކަމަށް ބިދޭސީންނާއި އެ ގެއަށް ނިސްބަތްވާ މީހުން ވަނީ ބުނެފައެވެ.
އެމީހާ ފުރަތަމަ ފަންގިފިލާއަށް ވަންތަން ބިދޭސީ އެއްވެސް މަސައްކަތްތެރިއަކަށް ނުފެންނަ ކަމަށާއި ބިދޭސީން ތިބީ ދެވަނަ ފަންގިފިލާގައި ކަމަށް މީހަކު ބުނެފައިވެއެވެ. އަދި ފުރަތަމަ ދުން އަރަން ފެށީވެސް ފުރަތަމަ ފަންގިފިލާއިން ކަމަށް ވެސް ބުނެފައިވެއެވެ.
އެ މީހާ އެ ގެއިން ނުކުމެގެން ސައިކަލަށް އެރުމުގެ ކުރިން، ފަސް އެނބުރި އެ އިމާރާތަށް ބަލާ ތަން ވެސް ސީސީޓީވީ ފުޓޭޖުން ފެންނަން ހުއްޓެވެ. އަލިފާން ރޯވެ ދުން އަރަން ފެށީ އެމީހާ އެގެއިން ނުކުތްތާ މިނެޓެއްހާއިރު ފަހުންކަން އެނގިފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، 2026 މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަބުނަމްހައުސް / ލ.މާބައިދޫ، ޙުސައިން ޝަޙްބާން (29އ) ކޯޓު އަމުރެއްގެ ދަށުން ރޭގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



