އެމެރިކާއާއި ޔަހޫދީ އިޒްރޭލު އަދި އީރާނާ ދެމެދު ފަށާފައިވާ ހަނގުރާމަ ހަނގުރާމަ ހުއްޓުވުމަށްޓަކައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރަން ޕާކިސްތާނުން އިސްނަގައިފިއެވެ.
މިގޮތުން، މި ހަފުތާގެ ކުރީކޮޅު މަޝްވަރާތައް ބޭއްވުމަށްޓަކައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ހަމަޖެއްސުމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ހުށަހަޅާފައެވެ.
މި މަސައްކަތުގެ ދަށުން ޕާކިސްތާނުގެ އިސްވެރިން ވަނީ ދެ ފަރާތާ އެކު މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާސިމް މުނީރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާހަކަދައްކަވާފައިވާއިރު، ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާނާ މަޝްވަރާ ކުރައްވާފައެވެ. ޕާކިސްތާނުން ބުނެފައިވަނީ ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ބިނާކުރަނިވި ދައުރެއް އަދާކުރުމުގައި އެ ގައުމު ދެމިއޮންނާނެ ކަމަށެވެ.
މި ޑިޕްލޮމެޓިކް މަސައްކަތްތައް ފެށިފައި ވަނީ، ހަނގުރާމަ މުޅިން ހުއްޓާލުމަށް އަމާޒުކޮށްގެން ބޭއްވުނު ”ވަރަށް ރަނގަޅު އަދި ނަތީޖާ ނެރެވޭނެ“ މަޝްވަރާތަކަކަށް ފަހު، އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ދޭން ރޭވި ހަމަލާތައް ޓްރަމްޕް އިއްޔެ ފަސްކުރެއްވުމާ ގުޅިގެންނެވެ.
ނަމަވެސް، އީރާނުން ވަނީ ވޮޝިންޓަނާ އެކު ސީދާ މަޝްވަރާ ކުރަމުންދާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، މެދުވެރިން މެދުވެރިކޮށް މެސެޖުތައް ލިބިފައިވާ ކަމަށާއި އެ ގައުމުގެ އަސާސީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަށީގެންވާ ޖަވާބު ދީފައިވާ ކަމަށެވެ.




