މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ތެލާއި ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފަށާފައިވާ ހަމަލާތަކުގެ ސަބަބުން، ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ތެލާއި ކާބޯތަކެތި ލިބުމުގެ ދަތިކަން ފޯރާފާނެކަމަށް ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް އެފަދަ ކަމެއް ރާއްޖެއަށް ކުރިމަތިނުވާނެ ކަމަށް މި ސަރުކާރުން އަންނަނީ ޔަގީންކަން ދެމުންނެވެ.
”ތެލާއި، ކައްކާ ގޭސް ފަދަ ޒަރޫރީ ބާވަތްތައް އެއް ދަތިކަމެއް ނެތް ލިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ސަރުކާރުން ދެން“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، އެފަދަ އެއްވެސް ދަތިކަމެއް ރައްޔިތުންނަށް ނުފޯރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށެވެ.



