އިންޑިއާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަދި މަޝްހޫރު ފުޓުބޯޅަ ތަރި ސުނިލް ޗެތުރީ ފުޓުބޯޅަ ކުޅުމުން ރިޓަޔާ ކޮށްފިއެވެ.
މިކަން އިއުލާން ކުރުމަށް ޗެތުރީގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ ފުޓުބޯޅަ ކުޅުމަށް އަބަދުވެސް ލޯބި ކުރާނެ ކަމަށާއި ނަމަވެސް ކޮންމެ ކަމަށްވެސް ނިމުމެއް އަންނާނެ ވަގުތެއް އަންނާނެ ކަމަށާއި އަދި މިއީ އެވަގުތު ކަމަށް.
”މިއީ ފަސޭހަ ނިންމުމެއް ނޫން. ސަޕޯޓަރުން ދިން ލޯތްބާއި ސަޕޯޓު އަބަދުވެސް ހަނދާން ހުންނާނެ“ ޗެތުރީ އެކްސްގައި ޕޯސްޓު ކުރި ވީޑިއޯގައި އޭން ބުންޔެވެ.
މިހާރު އުމުރުން 39 އަހަރުގެ ޗެތުރީ ވަނީ 19 އަހަރު ވަންދެން އިންޑިއާގެ ޤައުމީ ފުޓުބޯޅަ ޓީމަށް 150 މެޗު ކުޅެދީފައެވެ. ޗެތުރީގެ އެންމެ ފާހަގަ ކޮށްލެވޭ ރެކޯޑަކީ އޭނާ ޖަހައިދީފައިވާ 94 އިންޓަނޭޝަނަލް ގޯލެވެ. އޭނާ އަށް ވުރެ ގިނަ ގޯލު ޤައުމީ ޓީމަށް ކުޅެ ޖަހާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެކަންޔެވެ.
ޤައުމީ ޓީމުގެ އިތުރުން ޗެތުރީ ވަނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި މުމްބާއީ އެފްސީ ކްލަބަށް ވެސް ކުޅެފައެވެ. އެ ކްލަބު ތަކުގައި ޖުމްލަ 155 މެޗު ކުޅެ ޗެތުރީ ވަނީ 61 ގޯލް ޖަހައިދީފައެވެ. ޗެތުރީ ގެ ކެޕްޓަން ކަމުގެ ދަށުގައި ބެންގަލޫރު އެފްސީ ވަނީ އިންޑިއާގެ ސުޕަ ލީގުގެ ފުރަތަމަ ތަށި ކާމިޔާބު ކޮށްފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއި ދެކޮޅަށްވެސް ޗެތުރީ ވަނީ 6 މެޗުގައި 8 ގޯލުޖަހާފައެވެ.
އިންޑިއާގައި އެންމެ މަޝްހޫރު ކުޅިވަރަކަށް ކްރިކެޓު ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދުނިޔޭގެ ޗާޓުގައި އިންޑިއާގެ ފުޓުބޯޅަ ޤާއިމުކޮށްދިން އެކަކަކީ ސުނިލް ޗެތުރީ އެވެ.




