ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓެއް ނުވަތަ ބިމެއް ލިބުމުން ކުރިން ލިބިފައިވާ ބިމެއް އާއިލާގެ އެހެން މީހަކަށް ދޭން ބޭނުންވާ ނަމަ ބިމެއް ނުވަތަ ފްލެޓެއް ނެތް އާއިލާގެ މީހަކަށް އެކަނި ދެވޭ ގޮތަށް އުސޫލެއް އިއްޔެ ހައުސިންގް މިނިސްޓްރީން އާންމުކޮށްފިއެވެ.
އެ މިނިސްޓްރީން އިއްޔެ ވަނީ ”ގްރޭޓާ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު“ ގެ ނަމުގައި އާ އުސޫލެއް ގެޒެޓު ކޮށްފައެވެ.
އެ އުސޫލުގައިވާ ގޮތުން، ކުރިން ލިބިފައިވާ ބިމެއް އާއިލާގެ މީހަކަށް ދޫކޮށްލާނަމަ ދޫކޮށްލެވޭނީ:
° އުފަން ދަރިއަކަށް
° މަންމަ
° ބައްޕަ
° އަނބިމީހާ/ފިރިމީހާ
° އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ، މީހުންގެ ތެރެއިން މީހަކަށެވެ.
އަދި އާއިލާގައި މިއިން މީހަކު ނެތްނަމަ ސަރުކާރުން ކަނޑައަޅާ މީހަކަށް ވެސް ކުރިން ލިބިފައިވާ ބިން ދޯކޮށްލެވޭނެއެވެ.
އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައިވާ ބިން ނުވަތަ ތަރިކައިންނާއި ވަސިއްޔަތުން ލިބެން އޮންނަ ބިމަކުން ދޫކޮށްލެވެނީ އާއިލާގެ ތެރެއިން ހަމަ މި މީހުންނަށް ކަމަށް އުސޫލުގައިވެ އެވެ.
މިގޮތަށް ބިން ދޫކޮށްލާ އާއިލާ މީހަކީ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތަކުން އޭނާގެ ނަމުގައި ފްލެޓެއް ނެތް މީހަކަށް ވާން ޖެހޭނެ ކަމަށް އެ އުސޫލުގައިވެއެވެ.




