މާލޭގައި ހުންނަ ސިނަމާލެ ފްލެޓުތަކާއި މާލެހިޔާ ފްލެޓުތައް، އަހަރުދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލުކޮށްފިއެވެ.
ވަރަށް ބޮޑަށް ވީރާނާވެފައިވާ، އެތަންތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސިނަމާލެ 3 އަދި 4 އާއި މާލެ ހިޔާ 1 އަދި 2ގެ ލިފްޓުތައް ސާވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވެސް އެ ދުވަހު އިއުލާންކުރިއެވެ.
ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ހުޅުވާލި އެ ފުރުސަތުގައި ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ އަންނަ މަހުގެ 5 ގައެވެ.
ނަމަވެސް ކައުންސިލުން ވަނީ މި އިއުލާންތައް އިއްޔެ ބާތިލުކޮށްފަ އެވެ. އިއުލާންތައް ބާތިލުކުރި ސަބަބެއް ބުނެފައެއް ނުވެއެވެ.
މި އިއުލާންތައް ބާތިލުކުރިއިރު، ފްލެޓުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަަސައްކަތާ ގުޅޭ ޓެންޑާ ލިޔެކިޔުންތައް ތައްޔާރުކުރުމަށްޓަކާ އެ ތަންތަނުގެ ތަފްސީލީ އެސެސްމެންޓެއް ހެދުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ކޮންސްޓްރަކްޝަން މިނިސްޓްރީން އިން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.




