ހުޅުމާލޭގެ 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވައިދު އިސްލާހުކޮށްފިއެވެ.
މިހާތަނަށް ހުއްދަދީފައި ވަނީ ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ޚާއްސަކޮށްފައިވާ، ”ރެޒިޑެންޝަލް ޕްލޮޓް“ ތަކުގައި އެންމެ އުސްކޮށް ހަތް ބުރިއަށް އިމާރާތްކުރުމަށް އެކަންޏެވެ.
އެކަމަކު، ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކުރި ގަވައިދުގައި ވަނީ، ހުޅުމާލޭގެ ބޮޑެތި ބިންތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފައެވެ.
އެ ގަވައިދުގައި ވަނީ، 10 ބުރިއަށް ހަދާ އިމާރަތްތަކުގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކުރަން ޖެހެނީ، ޕާކިންއަށް ކަމަށެވެ. އަދި އެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ބޭނުންކުރަން ޖެހެނީ، ދިރިއުޅުން ނޫން އެހެން ބޭނުމަކަށެވެ.
ގަވައިދުގައި ބުނާ ގޮތުން، ހުޅުމާލޭގެ ނެއިބަހުޑް ނުވައެއްގައި އިމާރާތްކުރެވެނީ، 18.5 މީޓަރާ ހަމައަށެވެ. މިގޮތުން، އެ ސަރަހައްދުގައި ހަދާ އިމާރާތްތަކުގެ އުސްމިން ކަމަށް ބަލާނީ، ޕޭމަންޓް ލެވެލުން ފެށިގެން ރޫފްބީމްގެ މަތީ ކައިރިއާ ހަމައަށް ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ކުރާ އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލްއާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށެވެ. އެ ކަމަށް އެދި ހުށަހަޅަންޖެހޭނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.



