ރ. އުނގޫފާރުގެ އިހުތިސޯސްގެ ތެރޭ ހިމެނޭ ރ. އުނގުލަށް އަރައިފޭބޭނީ ހަމައެކަނި އުނގޫފާރު ރައްޔިތުންނަށް ކަމަށް އެ ރަށު ކައުންސިލުން ނިންމި ނިންމުން ބަދަލުކޮށް، ކައުންސިލްގެ ހުއްދައާ އެކު އެހެން ރަށްރަށުގެ މީހުންނަށް ވެސް އުނގުލަށް އެރޭނެ ކަމަށް މިއަދު ބުނެފިއެވެ.
އުނގޫފާރު ކައުންސިލުން އިއްޔެ ވަނީ އުނގުލަށް އަރައިފޭބޭނީ ހަމައެކަނި އުނގޫފާރު ރަށްވެހިންނާއި އެ ރަށު މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނާއި އެ މީހުންގެ ދަރިންނަށް ކަމަށް ކަނޑައަޅައިފައެވެ.
އެ ނިންމުމަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އުނގޫފާރު ކައުންސިލްގެ ނިންމުން ބަދަލުކޮށް މިއަދު ކުރި އިއުލާނުގައި ބުނީ ކައުންސިލުން އުނގުލާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅާ ނިމެންދެން، ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 އިން ހަވީރު 5އާ ދެމެދުގެ ވަގުތުގައި އުނގުލަށް އަރައިފޭބުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން:
° އެ ހުއްދައަށް އެދި ހުށަހެޅޭނީ އެކަމަށް ހާއްސަ ގޫގުލް ފޯމު މެދުވެރިކޮށް
° ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ހެނދުނު 10ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ
° އުނގުލަށް ދިއުމަށް އެދި ފޯމު ފުރާ ފަރާތްތަކަށް އެ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ހުއްދަ މެސެޖް ވައިބާ މެދުވެރިކޮށް ލިބޭނެ
އުނގޫފާރު ކައުންސިލުން ބުނީ އުނގުލަށް އެރުމުގެ ހުއްދައިގެ ދަށުން އެ ރަށަށް އަރާ މީހުން ހޮވާ ކޮންމެ 4 ކާށިން 1 ކާށި އުނގޫފާރު ކައުންސިލަށް ލިބެން ޖެހޭނެ ކަމަށެވެ. އުނގުލުން ގެނެވޭނީ ހަމައެކަނި ހޮވާ ކާށި ކަމަށާއި ރުއްގަހަށް އަރައި ދިގު ދަނޑު ބޭނުންކޮށްގެން ރުއް އެޅުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.
ހޮވާ ކާށީގެ ތެރެއިން ކައުންސިލަށް ލިބޭ ކާށީ ވިއްކަން ނިންމާފައިވާއިރު ކާށި ގަންނަނީ އުނގުލުން ނަމަ އޭގެ އަގަކީ 5ރ. އެވެ. އުނގޫފާރުން ނަމަ 7ރ. އެވެ.
މީގެ އިތުރުން ކަށިކެޔޮ ގަނޑެއްގެ އަގަކީ 100 ރުފިޔާއެވެ. އަދި ކުއްޅަވަށް، ފަން އަދި މިދިލިއޮށް ފަދަ އެއްޗެހި އެ ހޮވާ މީހަކަށް އެ ތަކެތި ލިބޭނެ ކަމަށް ކައުސިލުން ބުނެއެވެ.




