އަޤީދާތައް، އޭގެ އިލްމީ ހަގީގަތްތަކާ ޚިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަަށް މިއަދު ފޮނުއްވި މެސެޖެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ ސުންނީ، ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތްޖަމާޢަތުގެ ސައްހަ މަތިވެރި އަޤީދާގެ މަތީގައި، ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ޤަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބިބި ބައެއް ކަމަށާއި އިސްލާމްދީނުގެ ވަސަޠީ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބިބައެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
”ސުންނަތް ޖަމާޢަތުގެ މަތިވެރި ޢަޤީދާގައި ރާއްޖެ ދެމިއޮންނާނެ އިންޝާ ﷲ. މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި ޢިލްމުވެރިންގެ އަރިހުން އެދެން. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް ވެސް އިލްތިމާސްކުރަން. އަދި ފިރުޤާތަކުގެ ޢަޤީދާތައް އޭގެ ޢިލްމީ ޙަޤީޤަތްތަކާ ޚިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަންވެސް އިލްތިމާސްކުރަން.“ އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢު ބައިބައިކޮށްލައި ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެންޖެހޭނެ ކަމަށެވެ. އަދި ފިރުޤާތަކުގެ ޢަޤީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ ޢިލްމުވެރިން ނޫނީ ވާހަކަ ނުކެއްކުމަށް ވެސް މިނިސްޓަރ ޝަހީމް ނަސޭޙަތްތެރިވެލެއްވިއެވެ.



