ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެގެ މޭޔަރު ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ނިންމަވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި މިއަދު ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލު އެންޑޯޒްކޮށް، ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. މޫސާ އަލީ ޖަލީލަކީ ޤައުމީ ހިދުމަތުގެ ފަހުރުވެރި ރެކޯޑްތަކެއް އޮތް، ޤައުމުގެ ދިފާއުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަތަލެއްގެ ގޮތުގައި ޤާސިމް ސިފަކުރެއްވިއެވެ.
ޚާއްސަކޮށް، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ޤައުމު ސަލާމަތްކުރުމަށް މޫސާ ޖަލީލް ކުރެއްވި ހިތްވަރުގަދަ މަސައްކަތްތަކަށް ޤާސިމް ކުރެއްވި ޕޯސްޓުގައި އަލިއަޅުވާލައިފައި ވެއެވެ.
”ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ،“ ޤާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިތުރަށް ވިދާޅުވީ، މޫސާ ޖަލީލަކީ ތެދުވެރިކަމާއެކު ވާޖިބު އަދާކުރައްވާ، ފަސްބައިގައި ކިލަނބުކަމެއް ނެތް، އަދި އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަހްޞިއްޔަތެއް ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެ ސިޓީ ހިންގެވުމަށް މޫސަ ޖަލީލަށް ވުރެ ޤާބިލް، އަމާނާތްތެރި އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީންވާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
”އަޅުގަނޑު އެދެނީ މާލެ ސިޓީ ހިންގަވަން، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން ތިއްބެވި ލޮބުވެތި ރައްޔިތުން މޫސާ ޖަލީލަށް ވޯޓުދެއްވުން،“ ޤާސިމްގެ ޕޯސްޓުގައިވެއެވެ.



