ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކޮށް އަދި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ގެންގުޅުމާއި ކުޑަ ކުދިންނާ އެކު ޖިންސީ އަމަލު ހިންގުމުގެ ތުހުމަތުގައި ޓީވީއެމްގެ ޕްރޮޑިއުސަރަކު މިއަދު ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ގދ. ފިޔޯރީ، މޫސަލް މުއީން އެވެ. އޭނާއަކީ ޓީވީއެމްގައި ކުޑަކުދިންގެ ޝޯތައް ވެސް ޕްރޮޑިއުސް ކުރަމުން ދިޔަ މީހެކެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ޝޯއަކަށް ގެންދިޔަ ކުއްޖަކާ އެކަށީގެންނުވާ ވާހަކަ ދައްކައި ގްރޫމްކުރަން އުޅުނު މައްސަލައެއްގައެވެ.
ފުލުހުން ބުނީ 37 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ކުއްޖާ ގްރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.
އޭނާ ގިނަ އަދަދެއްގެ ފިރިހެން ކުދިންނާ މިފަދަ ގުޅުންތައް ބާއްވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އެނގިފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުމާއި ކުޑަކުދިންނާ އެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވެއެވެ.
އެ މައްސަލާގައި މޫސަލް ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދަށް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.



