ޒަކާތް ދިނުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި އިސްލާމިކް މިނިސްޓްރީން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަރުސްތައް ބާއްވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މާލޭ ސިޓީ ހިމެނޭ ގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދުގެ މަޣްރިބު ނަމާދަށްފަހު މުދަލު ޒަކާތުގެ އުސޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން ދީނީ ދަރުސްތައް ބާއްވަން ހަމަޖެހިފައިވާކަމަށެވެ.އެގޮތުން މާލޭގެ މިސްކިތްތަކުގެ އިތުރުން ރާއްޖޭގެ 23 މިސްކިތެއްގައިވެސް މުދަލު ޒަކާތާއި ގުޅޭ ދަރުސްތައް މިއަދު މަޤްރިބު ނަމާދަށްފަހު އޮންނާނެކަމަށް އެމިިނިސްޓްރީން ބުނެފައި ވެއެވެ.
މި ދަރުސްތަކުގެ މަޤްޞަދަކީ، މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ރައްކާތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމުގައި އިސްލާމީ އުސޫލްތަކަށް ބާރުއަޅައި، މުދަލު ޒަކާތުގެ މުހިންމުކަމަށް ހޭލުންތެރި ކުރުވުންކަމަށް މިނިސްޓްރީން ބުނެއެވެ.
މިއަދު ބާއްވާ ދަރުސްތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އިލްތިމާސްކޮށްފައި ވެއެވެ. މި ދަރުސްތަކުގައި ބައިވެރިވުމަށް އިލްތިމާސްކުރަނީ މީގެ ސަބަބުން ޒަކާތާއި ގުޅޭ ޢިލްމު އިތުރުކޮށް، ޒަކާތުގެ ވާޖިބު އަދާކުރުމަށް ބާރުއެޅުމުގެ ގޮތުންކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައިވެސް ވަނީ މުދަލުގެ ޒަކާތުގެ މުހިންމުކަމާއި، ދީނުގައި އެކަން އޮންނަ ގޮތާއި، އެކަމުގެ ހެޔޮކަމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ.


