މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ތިލަފުށީގައި ޤާއިމްކޮށްފައިވާ ”އެމްޕްޓީ ކޮންޓޭނަރ ޑީޕޯ“ ގެ ކެޕޭސިޓީ އެމްޕީއެލްއިން ބޮޑުކޮށްފިއެވެ.
ތިލަފުށީގައި ޤާއިމްކުރެވުނު ”އެމްޕްޓީ ކޮންޓޭނަރ ޑީޕޯ“ގެ މަސައްކަތް ނިންމައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ ކުންފުނީގެ އޮޕަރޭޝަންސްތަކުގައި އެ ސަރަހައްދު ދަނީ ބޭނުންކުރަމުންނެވެ. އަދި މި ވަގުތުވެސް އެ ސަރަހައްދުގައި ޖުމްލަ 1600 ޓީ.އީ.ޔޫ އެބަހުރި ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ސަރަހައްދުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ މިހާރު އިތުރު ސަރަހައްދެއްގެ ބިން އެއްވަރުކުރުމުގެ މަސައްކަތްތައް ފުރިހަމަކޮށްފައި ކަމަށެވެ. އަދި އަލަށް ބިން އެއްވަރުކުރެވުނު ސަރަހައްދު ބޭނުންކުރަން ފެށުމުން، ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3000 ޓީ.އީ.ޔޫ އަށް މަތިވާނެ ކަމަށް ވެސް ބުންޏެވެ.
މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެކަން ވެސް އެމްޕީއެލްއިން ފާހަގަކުރެއެވެ.
އެހެން ނަމަވެސް، ބަނދަރުގެ ޖާގައިގެ ދަތިކަމަކަށް ފުރިހަމަ ހައްލެއް ލިބޭނީ މިހާރު ރޭވިފައިވާ ގޮތަށް ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ކަމަށާއި ތިލަފުށީގައި ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރުގެ މަސައްކަތްތައްވެސް އެ ކުންފުނިން ބާރަށް ކުރިއަށްގެންދާ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
”އެގޮތުން، ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ހަވާލުކޮށްފަ“ އެމްޕީއެލްއިން ބުނެފައިވެއެވެ.
ސީ.އެޗް.އީ.ސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސަރވޭތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މި ސަރވޭތައް ފުރިހަމަކޮށްފައިވާ ކަނޑައެޅިފައިވާ ތާވަލަށްވުރެ އަވަހަށެވެ. އަދި މިހާރު ކުރިއަށްދަނީ ”ޖިއޯ ޓެކްނިކަލް“ ސަރވޭގެ މަސައްކަތްތަކެވެ.
މީގެ އިތުރުން، ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމް.ޕީ.އެލްގެ ޓީމުތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކުރައްވާނެ ކަަމަށް ވިދާޅުވިއެވެ.




