މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް އަނެއްކާވެސް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެންމެ ފުރަތަމަ ވައިޓް އެލާޓް ނެރުނީ ހެންދުނު 08:30 ގަ އެވެ. އެ އެލާޓް ނެރުނީ މެންދުރުފަހު 02:30އާ ހަމަޔަށެވެ. އެ ފަހުން 10:00 ޖެހިއިރު މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އެލާޓް މަތިކޮށް ކޮށް، ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ޔެލޯ އެލާޓް ނެރުނެވެ. އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރުނީ، 22 މޭލާއި 27 މޭލާ ދެމެދު ވައި ޖެހި، ކަނޑު ވަރަށް ގަދަވާނެކަމަށް ލަފާކޮށްނެވެ.
ކުރިން ނެރުނު ދެ އެލާޓްގެ ވަގުތު 02:30 ހަމަ ވުމުން، އަނެއްކާވެސް މިވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. ވައިޓް އެލާޓް މިހާރު ދަންމާލާފައިވަނީ އިރުއޮއްސި 06:30 އާ ހަމަޔަށެވެ. ދެންމެ ނެރުނު މި އެލާޓްގައި ބުނެފައިވަނީ މި ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކަނޑު ގަދަ ވާނެކަމަށެވެ. އަދި 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށެވެ.
ރާއްޖެއަށް ހުޅަނަގު މޫސުމުގެ ވިއްސާރަ މިހާރު ކުރަމުންދާއިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވެ، ޚާއްސަކޮށް ކަނޑު ދަތުުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީންވެސް ވަނީ ވިއްސާރައިގައި ގެދޮަރަށް ލިބިދާނެ ގެއްލުމަކަށް ވިސްނައި، ރާއްާތެރިކަމުގެ ފިޔަވަޅު ދުރާލާ އެޅުމަށް އިލްތިމާސްކޮށްފަ އެވެ.



