ދިވެހިން މިހާރު އިދިކޮޅު އެމްޑީޕީގެ ”އަނެއް ދިވެހިރާއްޖެ“ އަށް ދާން ބޭނުން ނުވާ ކަމަށާއި އެކަމާ އެންމެ ދެކޮޅު ހެއްދެވި ބޭފުޅަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
”އަނެއް ދިވެހިރާއްޖެ“ އަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރު އައި އިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިނުގައި ބޭނުން ކުރި ޝިއާރެވެ.
ބާރަށު ދާއިރާގެ މެންބަރު ވިދާޅުވީ މިއަދު ދިވެހިން އަނެއް ދިވެހިރާއްޖެއަށް ދާން ބޭނުން ނުވާ ކަމަށާއި ”އަނެއް ދިވެހިރާއްޖޭ“ގެ ހުރި ގޯސް ކަންކަން އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވި ބޭފުޅަކީ ވެސް ރައީސް ޔާމީން ކަމަށެވެ.
”އެ މަނިކުފާނު ވިދާޅުވީ ’އަނެއް ދިވެހިރާއްޖޭ’ގައި ފަނޑިޔާރުން ވަގަށް ނަގާނެއޭ. އެ ދިވެހިރާއްޖޭގައި ބޭނުންހާ ގޮތަކަށް ރޭގަނޑު މަޖާކޮށް އުޅެވޭނެއޭ. އަދި އެ ދިވެހިރާއްޖޭގައި ދިވެހިން ހޯދާފައިވާ ހަރު މުދާ ވިއްކާނެއޭ،“ އެމްޑީޕީގެ ސަރުކާރުގައި އޭރު ހިނގި ސިޔާސީ ހަމަނުޖެހުންތަކަށް އިޝާރަތް ކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވަނީ ދާދިފަހުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން ރައީސް ޔާމީންގެ އަމިއްލަ ޕާޓީ ޕީއެންއެފްއިން މާލެ އާޓިފިޝަލް ބީޗުގައި އިއްޔެ ރޭ ބޭއްވި ”ޗަގޯސް ޖަލްސާ“ ގައި އެމަނިކުފާނު ވިދާޅުވީ މިއަދު ގައުމުގެ ހާލަތު ގޮަސްފައި އޮތް ހިސާބުގެ ގޮތުން، ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ”އަނެއް ދިވެހިރާއްޖެ“ އެއް ހޯދަން ޖެހިފައިވާ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ މި ބަސްފުޅަކީ ކައުންސިލް އިންތިހާބުގައި ވޯޓުލާއިރު ރައްޔިތުން ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.




