ވިނަރެސް އެޕާޓްމަންޓެއް ލޯންޑްރީ ސަރވިސް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ މައްސަލައެއް ބަލަން ފަށައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ވިނަރެސް ޓަވަރުތަކުގެ ތެރެއިން އެޕާޓްމަންޓެއް ލޯންޑްރީ ސަރވިސް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތުދެމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، މި މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުޙަލާގައި، އެ މަސައްކަތް ހުއްޓާލުމަށް އެކަން ކުރާ ފަރާތަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެ މަސައްކަތް ކުރަމުންދިޔައީ ކޮން ބައެއްކަން އެ ކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި، ލޯންޑްރީ ޚިދުމަތަށް އެލްޕީޖީ ގޭސް ބޭނުންކޮށްގެން އުފައްދާ އިންޑަސްޓްރިއަލް މެޝިންތަކެއް ވިނަރެސް ފްލެޓް ތެރޭ ބަހައްޓާފައި ހުރި މަންޒަރު ފެނެއެވެ. މި މައްސަލައާއި ގުޅިގެން އާންމު ބައެއް ފަރާތްތަކުންވެސް އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލަ އެޗްޑީސީން އަންނަނީ ބަލަމުންނެވެ.




