މި ފެށޭ އޭޕްރިލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާނެ މަސް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
ރާއްޖެއަށް މިދުވަސްވަރު ހޫނުވަމުން އަންނަ ސަބަބުތަކާ، އެކަމުން ރައްކާތެރިވާން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ މީޓްރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. އަދި މި ދުވަސްވަރު ވިލާ މަދުވެފައި، ވައިމަޑުވެ، ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަމަށް ވެސް ވިދާޅުވިއެވެ.
ހުސައިން ވަހީދު ވިދާޅުވީ މީގެސަބަބުން، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާކަމަށެވެ. އަދި ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ހޫނުވާނެކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
”ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް ޚާއްސަކޮށް އުތުރުގެ ހިސާބުތަކަށް ވިއްސަރައިގެ އަސަރު ވަރަށް ކުޑަ. ހަމަ ވަރަށް އަވިގަދަކޮށް އޮންނާނީ ކުރިއަށްމިއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގަވެސް. އެހެންނަމަވެސް ދެކުނުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ.“ ހުސައިން ވަހީދު ވިދާޅުވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފެބްރުވަރީ މަހުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބޯކޮށް ވާރޭވެހިފައިނުވާކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އެހެން ހުރިހާ ހިސާބުތަކަށްވުރެ މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން ގަދަކަމަށެވެ.
”މި ދުވަސްވރު މިހާބޮޑަށް ހޫނުގަދަމިވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވެފަވާތީ. އެހެންވީމަ މިދިޔަ ފެބްރުއަރީމަހުގެ މެދަކާ ހިސާބުން ފެށިގެން މާރޗްމަސް ނިމުމަކާ ހަމައަށް މިދިޔައީ. އައިއިރުވެސް ރާއްޖޭގެ އެއްވެސް ހިސާބަކަށް ވާރޭ ވެހިފައެއް ނުވޭ. ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް ވާރޭ ވެހިފައެއް ނުވޭ.“ ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ވަހީދު ވިދާޅުވީ، އަންނަމަހަކީ ރާއްޖެއަށް އެންމެ ހޫނުވާނެ މަސްކަމަށެވެ. އަދި އޭޕްރިލްމަހުގެ މެދުތެރޭ މިހާރު މިވާ ހޫނުމިން ނިމުމަކަށްއަންނާނެކަމަށް ވިދާޅުވިއެވެ.




