ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވި އަދި އައްޑޫގެ ތަރައްގީއަށް ބޮޑެތި އަދި ގިނަ މަސައްކަތްތަކެއް ކުރެއްވި ސ. ހިތަދޫ، ފެހިވިލާގެ / އަހުމަދު ސޯލިހު އަލި ދީދީ މިއަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
އުމުރުފުޅުން 92 އަހަރުގައި އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އަހްމަދު ސޯލިހު އަލިދީދީ އަވަހާރަވުމާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވައި، ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އަދި ޚާއްސަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްގީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި އަޙްމަދު ސޯލިހު އަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި، އައްޑޫގެ ލޮބުވެތި ރައްޔިތުންނަށާއި، އެ އާއިލާއަށް ނުހަނު އިޚުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.
”އަލްމަރްޙޫމް އަޙްމަދު ޞާލިޙް ޢަލިދީދީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށި! އާމީން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަހުމަދު ސޯލިހު އަލިދީދީ ވަނީ ދިވެހި ދައުލަތަށް 45 އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިތަދޫ ކަތީބުކަމާއި އައްޑު އަތޮޅުގެ އަތޮޅުވެރިޔާ ވެރިކަމާއި އައްޑު އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ހިމެނެއެވެ.
އޭގެ އިތުރުން ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމާއި ހިތަދޫގެ ސްޓެލްކޯގެ މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖަރު ކަން އަހުމަދު ސޯލިހު އަލިދީދީ ކުރައްވާފައިވެ އެވެ.
އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1965 ވަނަ އަހަރު އެވެ. ރިޓަޔާ ކުރެއްވީ 2009 ވަނަ އަހަރު އެވެ.
”އަހުމަދު ސޯލިހު ވަނީ އައްޑޫ ރައްޔިތުންނަށް ނުހަނު ގިނަ އަގުހުރި ހިދުމަތްތަކެއް ކުރައްވާ އައްޑޫގެ ތަރައްގީއަށާއި ކުރިއެރުމަށް ގިނަ މަަސައްކަތްތަކެއް ކުރައްވާފައި،“ އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ސުވަދީބުގެ ނަމުގައި ދެކުނުގެ ހަތަރު އަތޮޅުން ވަކިވެގެން އުފައްދަން އުޅުނު ދައުލަތާ ދެކޮޅަށް ވެސް އަހުމަދު ސޯލިހު އަލިދީދީ މަސައްކަތް ކުރެއްވި އެވެ. އޭނާ މަސައްކަތް ކުރައްވާފައިވަނީ ދިވެހި ދައުލަތަށް ތެދުވެރިވެ، ބައިބައިވުމާ އިދިކޮޅަށެވެ.
އެ ހަރަކާތުގެ ވެރިންނަށް ނަސޭހަތްތެރިވެ، ވިސްނަވައި ދެއްވައި، ހަމަޖެހުން ގާއިމް ކުރަން އަހުމަދު ސޯލިހު އަލިދީދީ ވަރަށް ބޮޑަށް ބާރު އެޅުއްވި އެވެ.
އައްޑު އަތޮޅުން ގައުމީ މުބާރާތެއްގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ވެސް އަހުމަދު ސޯލިހު އަލިދީދީ އަށެވެ. އެގޮތުން އޭނާގެ މެނޭޖަރު ކަމުގައި އުފެއްދި ފުޓްބޯޅަ ކްލަބު އޭއެސްއޭ އިން ގައުމީ މުބާރާތުގައި ވާދަކޮށް ދެވަނަ ހޯދި އެވެ.
އަހްމަދު ސޯލިހު އަލިދީދީގެ އިޖުތިމާއީ މަސައްކަތްތައް ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ޝަރަފުވެރިކަމުގެ އެވޯޑެއް ވެސް އަރުވައިފައެވެ.
އޭނާގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހު ހިތަދޫ މަސްޖިދުއްތަގުވާ (ހުސައިން މޫސާ މިސްކިތް) ގައެވެ. މޫނު ދެއްކުން އޮންނާނީ މިއަދުގެ މެންދުރު 2 އިން އިރުއޮއްސި 6:30 ވަންދެންނެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ



