ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ ފެންބޮޑުވުމާއި ގުޅިގެން،މަގުތަކުން ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އެގޮތުން މިވަގުތު ސިފައިން ދަނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ ބޮޑުވަޅު ސަރަހައްދުގައާއި، ދިރާގު ކައިރީ ޕަންޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދާއިރު، ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތްކުރަމުންދާ އެޕޯލޯ ޓަވަރުގައި ޖަހާފައިހުރި ފެންސްތަކެއް ވަޔާ ދާތީ، އެ ސަރަޙައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެތީ، ފެންބޮޑުވެ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.




