ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އާއި ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ކައުންސެލް ޖެނެރަލް އަލްއުސްތާޛު ހަސަން ހަމީދުގެ ތައުޒިޔާގެ ދަފުތަރު މިއަދު ހުޅުވާލައިފިއެވެ.
މި ދަފުތަރު ހުޅުވާފައި އޮންނާނީ މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 2 ގެ ނިޔަލަށެވެ. އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުން ހުޅުވާލައިފައި އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން 12:00 އަށެވެ. ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުން ހުޅުވާލައިފައި އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު 1:00 އިން ހަވީރު 4:00 އަށެވެ.
ފުލުހުން ބުނީ، މި ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ވަޑައިގަތުމުން ސޮއިކުރެއްވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
ކުރީގެ ޑީސީޕީ އަބްދުއްޝަކޫރު އަވަހާރަވީ މިމަހުގެ 24 ވަނަ ދުވަހުގައެވެ. އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.



