ހޫނުގަދަވުމުގެ ސަބަބުން ސްކޫލުތަކަށް ކުދީން އެކްޓިވިޓީ ޔުނީފޯމުގައި ގެންދަން ބެލެނިވެރިންނަށް އަންގައިފިއެވެ.
ސްކޫލްތަކުން ބެލެނިވެރިންނަށް އިއްޔެ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރަށް ވާތީ، މެއި މަހުގެ ނިޔަލަށް، ހަފްތާގެ ކޮންމެ ދުވަހަކުވެސް ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް އާދެވޭނެ ކަމަށެވެ.
މީގެއިތުރުން މި ދުވަސްތަކުގައި ދަރިވަރުން ސްކޫލަށް އައިސް ގޮސް ހެދުމުގައި އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށާއި، އެކަށީގެންވާ ވަރަށް ފެން ބުއިމަށާއި އަދި އެޗް.ޕީ.އޭގެ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ވެސް ސްކޫލްތަކުން ބުނެފައިވެއެވެ.
މެޓް އޮފީހުން ވަނީ، ކޮންމެ އަހަރެއްގައި ވެސް އިރުވައި މޫސުމުގައި، ވަކިން ޚާއްސަކޮށް މާރިޗް މަހާއި އޭޕްރިލް މަހަކީ ރެކޯޑްތަކުން ދައްކާގޮތުގައި އެންމެ ހޫނުގަދަވާ ދެ މަސްކަން ފާހަގަކޮށްފައެެވެ.
އަދި މި ދުވަސްވަރު މާބޮޑަށް ހޫނު ގަދަވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންކަން މެޓް އޮފީހުން ފާހަގަކުރެއެވެ.
އިހުސާސްކުރެވޭ ހޫނުމިން މަތިވުމުގެ ސަބަބުން ސިއްޙީ ގިނަ މައްސަލަތަކާވެސް ކުރިމަތިވާކަން އެޗްޕީއެއިން ވަނީ ބުނެފައެވެ.
ހޫނުގަދަވުމުގެ ސަބަބުން ބޮލުގަ ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުން ލިބުމާއި، ހަންގަނޑު އެދުން ފަދަ ސިއްޙީ ގިނަ މައްސަލަތަކާ ކުރިމަތިވާކަމަށެވެ. އަދި މި ކަންކަމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.




