ހުޅުމާލެ ފޭސް-1 ގައި އިމާރާތް ކުރަމުން އަންނަ، އެޕޯލޯ ޓަވަރުގައި ޖަހާފަައި ހުރި ފެންސްތަކެއް ވަޔާ ދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ބުނީ، މިހާދިސާއާ ގުޅިގެން، އެ ޓަވަރު ހުންނަ ސަރަހައްދުގެ މަގު ބަންދުކޮށް ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައި ވާކަމަށެވެ.
މިހާރު ސޯޝަލް މީޑީއާގެ ޕްލެޓްފޯމްތަކުގައި އާންމުވެފައިވާ މިހާދިސާގެ ވީޑިއޯތަކަށް ބަލާއިރު، މަސައްކަތްކުރާ އިރު ރައްކާތެރިވުމުގެ ގޮތުން ޖަހާފައި ހުރި ފެންސްތައް ވަޔާ ދާތަން ފެނެއެވެ. އަދި އެ ފެންސްތައް ވަޔާ ދާއިރު އެކު އެކީގައި އުޅަނދުތައްވެސް އެ ސަރައްހަދުގައި ދުއްވާ މަންޒަރު ފެނެއެވެ. ފެންސެއް ވެއްޓުނު އިރު ސައިކަލަކުން އައި މީހަކު ވަނީ ބިރުން ސައިކަލް ބަހައްޓާފައި ދުއްވައިގަނެފަ އެވެ. ވީޑިއޯއިން މީހުން ބިރުން ބާރަށް ހަޅޭއްލަވާ އަޑުވެސް އިވެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ވާރޭވެހެމުންދާއިރު، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ދުރާލާ ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ އިދާރާތަުން އިލްތިމާސްކޮށްފައި ވެއެވެ. އިއްޔެ ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަ ކަމަށް ވުމުން މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާ، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް އިލްތިމާސް އިލްތިމާސްކޮށްފަ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ، ބޯކޮށް ވާރޭވެވެހި ގުގުރާނެކަމަށް ލަފާކޮށް މިރޭ ދަންވަރު 12:00 ޖެހުމާއި ހަމަޔަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. މެޓް އޮފީހުން ބުނެފައިވަނީ އެލާޓް ނެރެފައިވާ ވަގުތުތަކުގައި،19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.




