ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އީ.އާރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މިރަސްމިއްޔާތަށް ފަސްޓް ލޭޑީ ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޠިމާ ޢަލީއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ ވެސް މިއަދު ވަނީ އަޅުއްވާފައެވެ. ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ.
އަތޮޅު ތެރޭގެ ސިއްހީ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ އެއް ހޮސްޕިޓަލެވެ.
އެ ހޮސްޕިޓަލުގައި މިއަދު ޚިދުމަތް ފުޅާކުރެވުނު ޑައިލިސިސް އެކްސްޓެންޝަން އިމާރާތުގައި އެއްފަހަރާ 9 މީހުންނަށް ޑައިލިސިސް ހެދޭނެއެވެ. އައު އިމަރޖެންސީ ރޫމްގައި 6 އެނދާއިއެކު ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. މީގެ އިތުރުން މިއަދު ބިންގާ އެޅި އައިސޮލޭޝަން ފެސިލިޓީގެ ސަބަބުންވެސް އެ ސަރަހައްދުގެ ސިއްހީ ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ. އައިސޮލޭޝަން ފެސިލިޓީގައި، ޕްރައިވެޓް ރޫމްތަކާއި 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްގެ އިތުރުން ކޮންވަރޓިބަލް ކަރަންޓީނު ފެސިލިޓީއެއް ހުންނާނެއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް މިނިސްޓަރުންނާއި، ހެލްތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.



