ނޭޕާލްގެ އާ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހް، އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފިއެވެ.
ނޭޕާލްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ ގިނަ އަދަދެއްގެ ޒުވާނުންގެ ބައިވެރިވުމާއެކު އަދި އިސްލާހީ ބަދަލުތަކަށް މަގުފަހިކުރުމަށް ގޮވާލައި ގެނެވުނު ބަދަލުގެ ތެރެއިން މިމަހު ކުރީކޮޅު ބޭއްވި އާންމު އިންތިހާބުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، މި އިންތިހާބަކީ ނޭޕާލްގެ ދިމިގުރާތީ ދަތުރުގައި އެޤައުމުގެ ރައްޔިތުން އުންމީދުކުރާފަދަ ހަމަޖެހުމާއި ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ އިންތިހާބެއް ކަމުގައި ވިދާޅުވިއެވެ.
ނޭޕާލަކީ ދިވެހިރާއްޖޭގެ ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ދެކުނު އޭޝިއާ ސަރަޙައްދުގައި ހުރި އެކިއެކި ގޮންޖެހުންތައް ޙައްލުކުރުމުގައި ދެޤައުމުން ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުންތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއާއި ނޭޕާލާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަރަޙައްދީ ގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ނޭޕާލް ސަރުކާރާއެކު މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.
ރައީސްގެ ސިޓީފުޅު ނިންމަވާލައްވަމުން، ނޭޕާލްގެ ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި އުފާފާގަތިކަމަށާ، އެޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުމާއި ދުޅަހެޔޮކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.



