ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކުރާ ނެއިބަރހުޑް 1 ސްޕޯޓްސް ޕާކުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި ޕާކު ތަރައްގީ ކުރަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ކޮންޓެއިނަރ ޕާކު ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ.
ނެއިބަރހުޑް 1 ސްޕޯޓްސް ޕާކުގެ ބިންގާ އަޅާދީފައިވަނީ، އެކަމަށް އެޗްޑީސީގައި އެންމެ ފުރަތަމަ އެދުނު އަދި ހުޅުމާލޭ މެދު ދާއިރާގެ އިސްރަށްވެއްސެއް ކަމަށްވާ އިބްރާހިމް ނައީމް އާއި ހުޅުމާލެ މެދު ދާއިރާގެ ކައުންސިލް މެންބަރުކަމަށް ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ސަނީހު އަހުމަދު އެވެ. އެބޭފުޅުންގެ އަރިހުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލްއާއި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިކަމަށްޓަކައި އެތައް މުއައްސަސާތަކެއްގައިި އެދުމު ނައީމް ބުނީ، ހުޅުމާލޭގައި ސްޕޯޓްސް ޕާކެއް ގާއިމް ކުރަން ފެށުމުން އޭނާ ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި މިކަމަށްޓަކައި އޭނާ އެތައް އަހަރަކު އެދުނުއިރު، މިކަން ކޮށްދިނުމުގެ މަސައްކަތް ފަށާފައިމިވަނީ މި ސަރުކާރުންކަން ވެސް އޭނާ ފާހަގަކުރިއެވެ.



