ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކުރާ މަސައްކަތް އަވަސްކޮށް، ވަގުތު ސަލާމަތް ކުރުމަށް، އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠލިބު ރޭގައި ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްޠަލިބު އެހެން ވިދާޅުވީ، ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅާ 182 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި ސަރުކާރުން އަންނަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ރުހުން ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދެ އިންތިޚާބު އެއްކޮށް ބާއްވަން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރުމަށް ފަހު، އެކަމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ވަނީ ތައްޔާރުވެފައެވެ.
އެ ވޯޓާ ގުޅޭ ގޮތުން ހައުސިންގް މިނިސްޓަރ ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ވޯޓުލުން އެއް ދުވަހެއްގައި ބޭއްވުމަކީ ހަމައެކަނި އިދާރީ ނިންމުމެއް ނޫން ކަމަށެވެ. އެގޮތުން އެއީ، ފަސް އަހަރުގެ ވެރިކަމަކަށް ރައްޔިތުން ހޮވާ ސަރުކާރެއްގެ ދައުރު ނުފެށެނީސް، އުމުރު ހަމަވާ މަޖިލީހަކުން ނިންމާ ނިންމުންތަކުގެ ސަބަބުން، ރައްޔިތުންނަށް ޚިދުމަތްކުރަން އޮންނަ ވަގުތު ބޭކާރުވުމުން ސަލާމަތްވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
”މި ސަރުކާރުން ފުރަތަމަ އަހަރު ވެރިކަންކުރަން ޖެހުނީ ކުރީ ސަރުކާރުން ހެދި ބަޖެޓަކަށް. ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އުމުރު ހަމަވާން ހަ މަހަށް ވެފައި އޮތް މަޖިލީހަކުން ފާސްކޮށްފައިވާ ބަޖެޓަކަށް. އެ މަޖިލީހުން ބަޖެޓް ތައްޔާރުކުރީ ސަރުކާރުގެ އެޖެންޑާއަށް ބެލުމެއްނެތި، އެ މެންބަރުންގެ އިންތިޚާބަށް މަގުފަހިވާގޮތަށް. ނަތީޖާއަކީ ކަންކަން ލަސްވުން“ މިނިސްޓަރ ވިދާޅުވިއެވެ.




