ސްކޭމް ކޮށްގެން މަކަރާއި ހީލަތުން 37،987 ރުފިޔާ ހޯދި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދި މައްސަލަތަކުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، ގދ. ހޯނޑެއްދޫ، ފެހިވިނަމާގެ އުމުރުން 36 އަހަރުގެ އަޒުހީމް ސަޢީދާއި ޏ. ފުވައްމުލައް، ދޫޑިގަން، ގޯލްޑަންގޭޓް އުމުރުން 31 އަހަރުގެ ޢަލީ ޝަފާޒާއި ސ. ހިތަދޫ، ކުޅިބަލާގެ އުމުރުން 47 އަހަރުގެ މުޙައްމަދު ޖުނައިދެވެ.
ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން އަޒުހީމް ސަޢީދު ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި، މީހެއްގެ އަތުން މަކަރާއި ހީލަތުން 3،500 ރުފިޔާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ އެޕްރީލް މަހުގެ 27 ވަނަ ދުވަހަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޢަލީ ޝަފާޒު ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 4،500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ދެން ހައްޔަރުކުރި މުޙައްމަދު ޖުނައިދު ވަނީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 29،987 ރުފިޔާ ހޯދާފައި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން މި މަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޖުނައިދުގެ ބަންދު މުއްދަތު ހަމަވާނީ އަންނަ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހަށް ކަމަށެވެ.




