އަންނަ ބުދަ ދުވަހުން ފެށިގެން 10 ރުފިޔާގެ އާ ނޯޓުތަކެއް ދައުރު ކުރަން ނިންމައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ، މިއަދު ގެނައި އާ ނޯޓުތައް އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން މިހާރު ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ، 10 ރުފިޔާގެ އާ ނޯޓަކީ ދަށް ޑިނޯމިނޭޝަންގެ ނޯޓަކަށްވާތީ ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އާންމުކޮށް 10 ރުފިޔާގެ ނޯޓު ބޭނުންކުރާ މިންވަރު ގިނަ ކަމަށެވެ.
އޭގެ ސަބަބުން ނޯޓު ހަލާކުވާ މިންވަރު އިތުރު ކަމަށާއި، ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް އާންމުކޮށް އެ ނޯޓު ބޭނުންނުކުރާތީ، އެ ނޯޓަކީ ބޭންކުތަކުން ވެސް ފައިސާ ޖަމާކުރުމުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުލިބޭ ނޯޓެއް ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
”ރަންދިހަ ފަހެއް“ ސީރީޒް ތައާރަފުކުރި ފަހުން މިއީ 10ރ. ގެ ނޯޓް ޗާޕްކުރި ތިންވަނަ ފަހަރެވެ. ފުރަތަމަ ޗާޕްކުރީ، 2015 ގައެވެ. އަދި ދެވަނަ ފަހަރަށް ޗާޕްކުރީ 2018 ގައެވެ.
ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕު ކޮށްގެން ނެރޭ 10 ރުފިޔާގެ ނޯޓާއެކު މިހާރު ބޭނުންކުރާ 10 ރުފިޔާގެ ނޯޓުވެސް ދައުރުވަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
ޑިމާންޑް އިތުރުވުމާ ގުޅިގެންނާއި ބާނޯޓު ބަދަލު ކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ އާ ނޯޓު ބާޒާރުގެ ތެރޭގައި ދައުރު ކުރުމަށް ނެރެ އެވެ. މިއީ، އިގްތިޞާދުގައި ނޯޓަށް އޮންނަ ޑިމާންޑަށް ނޯޓު ފޯރުކޮށްދިނުމަށާއި، ދައުރުވާ ނޯޓަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހުރި ނޯޓުތަކަށް ހެދުމަށް އަބަދުވެސް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.




